ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 79 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ޓިމޯ ލެސްޓޭގެ ވެރިރަށް ޑިލީގައި މިއަދު ފެށިއްޖެއެވެ.
މި މަހުގެ 7 އިން 10 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، ގީލާ އަލީއެވެ. މި ބައްދަލުވުމަކީ ސަރަހައްދުގެ 10 ގައުމެއްގެ ސިއްހީ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެން، ސިއްހީ ސިޔާސަތުތައް ކަނޑައަޅައި، ގަވަރނަންސްއާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމަށް ބާއްވާ އެންމެ އިސް ބައްދަލުވުމެވެ.
މި އަހަރުގެ ބައްދަލުވުމުގެ ތެރެއިން ސިއްހީ ހިދުމަތްތެރިންގެ ގާބިލުކަން އިތުރުކުރުމާއި، ހަމަހަމަކަމާއެކު ހާއްސަ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން "ރައުންޑް ޓޭބަލް" މަޝްވަރާއެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދާއިރާއިން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ޑިލީ ޑެކްލަރޭޝަން އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު: އިކުއިޓީ އިން ސްޕެޝަލައިޒްޑް ކެއާ" ގެ ނަމުގައި ހާއްސަ ގަރާރެއް ފާސްކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ޔުނިވަރސަލް ހެލްތު ކަވަރޭޖާއި، ސިއްހަތާ ގުޅުންހުރި ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތަކުގެ އިތުރުން ޓީބީ، މެޑިކަލް ޑިވައިސް، ޑިޖިޓަލް ހެލްތު އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ މުހިންމު ދާއިރާތަކުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭނެއެވެ.
ކުރިއަށް އޮތް ވޯލްޑް ހެލްތު އެސެމްބްލީއާއި އެގްޒެކެޓިވް ބޯޑު ބައްދަލުވުންތަކުގައި ސަރަހައްދުގެ ގައުމުތަކުން ހުށަހަޅާނެ ކަންކަން ކަނޑައެޅުމުގެ އިތުރުން، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ދިވެހިރާއްޖެއިން ކެނޑިޑޭޓެއް ހުށަހެޅުމާ ގުޅޭގޮތުން ހާއްސަ ސެޝަނެއްގައި މަޝްވަރާކުރާނެއެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށާއި، އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އަދި އާމްދަނީ ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ހޯދުމަށްޓަކައި އެހެން ގައުމުތަކާއެކު ދޭދޭ މަޝްވަރާތައް ބޭއްވުމަށްވެސް ދިވެހި ވަފުދުން ވަނީ ރާވާފައެވެ.





