ހަންޏާމީދޫ ފިޓްނަސް ސެންޓަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

އދ. ހަންޏާމީދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ 60 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ މުއައްސަސާއިން ސޯޝަލް މީޑިއާ "އެކްސް" ގައި ހިއްސާކުރެއްވި އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން، މި ސެންޓަރުގެ ފައުންޑޭޝަނާއި ފްރޭމްވޯކްގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މި ވަގުތު ކުރިއަށްދަނީ އިމާރާތް ހިޔާކުރުމުގެ މަސައްކަތްތަކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މި މަސައްކަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަންޏާމީދޫއަށް ވަޑައިގެން ބޭއްވެވި ޙަފްލާއެއްގައެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނެސް ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރާއި އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރަށްރަށުގައި މިފަދަ ވަސީލަތްތައް ޤާއިމުކޮށް ނިންމެވުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް