ފެނަކަ އާއި އާރްޑީސީ އުވާލަން ސަރުކާރުން ނިންމައިފި

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ސަރުކާރުން ނިންމައިފިއެވެ. މި ނިންމުމާއެކު މި ދެ ކުންފުނީގެ ދަށުން ހިނގަމުން އައި މަސައްކަތްތައް ދައުލަތުގެ އެހެން ކުންފުނިތަކާ ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަން އުވާލުމަށްފަހު، އެ ކުންފުނީގެ އެންމެހައި ޚިދުމަތްތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ދަށަށެވެ. މީގެ އިތުރުން މަގުހެދުމާއި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދާ އާރްޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރަން ވަނީ ނިންމާފައެވެ.

ސަރުކާރުގެ މި ނިންމުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެއްގޮތް މަސައްކަތްތަކެއް ކުރާ ކުންފުނިތައް އެއްކޮށްލުމަށް އެކުލަވާލާފައިވާ އިސްލާޙީ ފިޔަވަޅުތަކުގެ ތެރެއިން ނިންމި މުހިންމު ނިންމުމެކެވެ. މީގެ ކުރިންވެސް ބައެއް ކުންފުނިތައް އެއްކޮށްލުމާއި ސަބްސިޑަރީތަކުގެ ގޮތުގައި ހިންގުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

މި ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ އެންމެހައި އިންތިޒާމުތައް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ. މި ބަދަލުތަކާއެކު އަތޮޅުތަކުގައި ފޯރުކޮށްދެމުންދާ އަސާސީ ޚިދުމަތްތަކާއި މަގުހެދުމުގެ މަޝްރޫޢުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް