ފަލަސްޠީނުގެ ބިންތަކުން އެ ޤައުމުގެ އަސްލު ރައްޔިތުން ނެރެ، ގެދޮރުވެރިކަމުން މަޙްރޫމްކޮށް އެހެން ތަންތަނަށް ބަދަލުކުރުމަށް އިސްރާއީލުގެ ޔަހޫދީން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ. ދިވެހި ސަރުކާރުން މިކަން ކުށްވެރިކޮށްފައިވަނީ ޚާރިޖީ ވުޒާރާއިން ނެރުއްވި ރަސްމީ ބަޔާނެއްގައެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޣައްޒާއަކީ ފަލަސްޠީނުގެ ބިމުގެ ވަކިނުކުރެވޭނެ މުހިންމު ބައެކެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުގައި ދިރިއުޅުމާއި، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
އިސްރާއީލުން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާއި އިންސާނިއްޔަތުކަމުގެ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގަމުންދާ މިފަދަ ޢަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ސަރުކާރުން ބަޔާންކުރެއެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް ގޮވާލާ ގޮވާލުންތަކަކީ ސަރަޙައްދީ ހަމަޖެހުމާއި ސުލްޙައަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައިވެސް ވަނީ ފާހަގަކޮށްފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފާއި، މިނިވަން ދަޢުލަތެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ހާމަކުރެއެވެ. އަދި ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.





