ކައުންސިލްތަކުގެ އެސްޖީން ހޮވުމާއި އައްޔަންކުރުމުގެ އައު އުސޫލު އާންމުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިދާރީ އެންމެ އިސްވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އިސްލާޙުކުރެވިފައިވާ އައު އުސޫލު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އާންމުކޮށްފިއެވެ.

ސީއެސްސީން ހާމަކުރި ގޮތުގައި މި އުސޫލުގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކަށް އެންމެ ގާބިލު ފަރާތްތައް ހޮވުމުގެ މަރުހަލާތައް ލުއިފަސޭހަކޮށް، ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްގެންދިއުމެވެ.

އައު އުސޫލުގެ ދަށުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި ސްކްރީނިން މަރުހަލާގެ ނަތީޖާއާއި ޕޮއިންޓު ޝީޓުތައް އާންމުކުރާނީ ވަކި ކޯޑު ނަންބަރެއް ދީގެން ކަމަށާއި، މަގާމަށް ކުރިމަތިލުމަށް ސަރުކާރު ބަންދު ނޫން މަދުވެގެން ފަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭނެއެވެ.

މި އުސޫލުގައިވާ ގޮތުން ރަށު ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް އިއުލާންކުރާއިރު ޕަބްލިކް ސާވިސް ރޭންކް 16 ގެ ލެވެލް 4 އަދި ލެވެލް 3 ގެ ޝަރުތު ހިމަނަންޖެހެއެވެ. އަދި ލެވެލް 3 އިން ހޮވޭ ފަރާތަކުން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތުގައި ލެވެލް 4 ގެ ސަނަދެއް ފުރިހަމަކޮށްފިނަމަ، ބާކީ މުއްދަތަށް ރޭންކް އަޕްގްރޭޑް ކުރެވޭނެއެވެ.

މީގެ އިތުރުން، އެސްޖީއަކީ މާލީ ޒިންމާދާރުވެރިޔާ ކަމަށްވާތީ، މަގާމަށް އައްޔަންކުރާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި މާލީ ވުޒާރާއިން ކަނޑައަޅާ އިޖުރާއަތުތަކާއި ސީއެސްސީގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަން ލާޒިމުވާނެއެވެ. ކޮމިޝަނުން ފާސްކުރި ތާރީހުން ފެށިގެން އަމަލުކުރަން ފެށި މި އުސޫލާއި ވަޒީފާއަށް އެދޭ ފޯމު ސީއެސްސީގެ ވެބްސައިޓުންނާއި ގެޒެޓުން މިހާރު ލިބެން ހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް