އެލްނީނޯގެ އަސަރު ރާއްޖެ ހިމެނޭހެން އެހެން ގައުމުތަކަށް އެންމެ ގަދައަށް ކުރާނީ އަންނަ ނޮވެމްބަރު މަހުގައި ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނީ މި ހާލަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދިގުލައިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ ސަބަބުން މި ދުވަސްވަރު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވެ، އާންމުކޮށް ހޫނުމިން ހުންނަ ވަރަށްވުރެ ހޫނުގަދަވުމުގެ އިތުރުން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ އަސަރު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މެޓް އިދާރާއިން ފާހަގަކުރި ގޮތުގައި މޫސުމަށް އަންނަ މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވެއެވެ. އެހެންކަމުން، މި ކަންކަމުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ދުރާލާ ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.





