އެމްއެމްއޭ-- ފޮޓޯ: ރާއްޖެ ޓައިމްސް

ރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު އެ އިދާރާއިން އާންމުކޮށްފިއެވެ.

މި އަހަރު އަމަލުކުރަން ފެށި ރީ-އެމްޕްލޯއިމަންޓް ޤާނޫނަކީ އުމުރުން 65 އަހަރުވުމުން ރިޓަޔަރވާން ޖެހުނު ނަމަވެސް، އެއަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް 75 އަހަރާ ހަމައަށް ވަޒީފާގައި ދެމިތިބުމުގެ މަގު ފަހިކޮށްދިނުމަށް ވުޖޫދަށް ގެނައި ޤާނޫނެކެވެ.

އެމްއެމްއޭއިން އާންމުކުރި ގަވާއިދުގައިވާ ގޮތުން، އެ އިދާރާގައި ރީ-އެމްޕްލޯއިމަންޓްގެ ދަށުން ވަޒީފާ ހަމަޖައްސައިދޭނީ އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންނަށެވެ. އެގޮތުން މި ވަޒީފާތައް ހަމަޖައްސާނީ 12 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަހަރުން އަހަރަށް އެއްބަސްވުން އައު ކުރާ އުސޫލުންނެވެ. މީގެ އިތުރުން، އެ އިދާރާގެ ދާއިމީ މުވައްޒަފަކު ވަޒީފާގައި ދެމިހުންނަން އެދޭނަމަ، އެ މީހެއްގެ އުމުރުން 65 އަހަރު ފުރުމުގެ 6 މަސް ދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަންވާނެއެވެ.

މި ގަވާއިދުގެ ދަށުން އުމުރުން 75 އަހަރުވަންދެން ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ލިބޭނީ އެ އުމުރާ ހަމައަށް އެމްއެމްއޭގައި ދެމިހުންނަން އެދޭ ފަރާތްތަކަށާއި ޕެންޝަން ޙައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އަލުން ވަޒީފާ ހަމަޖައްސަން އެދޭ ފަރާތްތަކަށެވެ. އަދި އަލުން ވަޒީފާ ހަމަޖެހޭނީ އުމުރުން 75 އަހަރު ފުރެން މަދުވެގެން 13 މަސް ދުވަސް އޮތް ފަރާތްތަކަށް ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސާއިރު އެ މީހަކު ޕެންޝަން ޙައްގުވާ އުމުރު ހަމަވިއިރު ހުރި މަޤާމު ނުވަތަ އެހެން މަޤާމެއް ދިނުމުގެ އިޚްތިޔާރު އޮންނާނެއެވެ. އަދި ކުރިން ހުރި މަޤާމުގެ މަސްއޫލިއްޔަތު ބަދަލުކޮށް، މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނެސްގެންވެސް ވަޒީފާ ހަމަޖެއްސޭނެ ކަމަށް ގަވާއިދުގައި ފާހަގަކޮށްފައިވެއެވެ.

މި އުސޫލުގެ ދަށުން އަލުން ވަޒީފާ ހަމަޖެހުމަށްފަހު ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކުން 21 ދުވަހުގެ ނޯޓިސް ދޭންޖެހޭނެއެވެ. ހަމައެއާއެކު، މި އުސޫލުން ވަޒީފާއަށް ނަގާ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އެމްއެމްއޭގެ ގަވަރުނަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް