ފޮޓޯ: ސަން

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އިމާރާތުގައި އަލިފާން ރޯވި ހާދިސާއަކީ މީހަކު ގަސްދުގައި ކުރި ކަމެއް ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާތީ، އެ މަނިކުފާނުގެ އަތްޕުޅުގައި ހުރި މަޢުލޫމާތު ސާފުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ފުލުހުންނަށް އަންގަވައިފިއެވެ.

ވަޒީރު އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ފުލުހުންނާއި ބޭރުގެ މާހިރުން ގުޅިގެން ކުރި ތަޙުޤީޤުން އެނގިފައިވަނީ އެ ހާދިސާ ހިނގީ ކަރަންޓު ނަރުތަކެއްގައި ރޯވެގެން ކަމަށާއި، ޖިނާއީ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށެވެ.

ނަމަވެސް، މި މަހުގެ 5 ވަނަ ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އެއީ ގަސްދުގައި ދިން ޙަމަލާއެއް ކަމަށް ވިދާޅުވެފައިވާތީ، އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުންގެ ޚިދުމަތުގައި އެދިވަޑައިގެންފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ފުލުހުންގެ މައްޗަށް ރައީސް ޔާމީން ކުރެއްވި ތުހުމަތުތައް ތަޙުޤީޤުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅުއްވާފައިވާނެ ކަމަށް އިޙްސާން ވަނީ ހާމަކުރައްވާފައެވެ.

ޑިސެމްބަރު 12، 2024 ގައި ހިނގި މި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ހާދިސާއާ ގުޅިގެން އެ ވުޒާރާތަކުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށް ނެރުއްވަމުން ނިންމަވާފައިވަނީ ދަރުބާރުގޭގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް