ރާއްޖެ އާއި އައިޓީއެފްސީއާ އެކު 1.5 ބިލިއަން ޑޮލަރުގެ އާ ޓްރޭޑް ފެސިލިޓީއެއްގައި ސޮއިކޮށްފި

ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިން ހަމަޖެއްސުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ އާ ފްރޭމްވޯކް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

މި އަހަރުން ފެށިގެން 2031 ވަނަ އަހަރަށް ދެމިގެންދާ ފަސް އަހަރުގެ މި އެއްބަސްވުމުގައި ސޮއިކުރީ އައިޓީއެފްސީގެ ސީއީއޯ އިންޖިނިއަރު އަދީބު ޔޫސުފް އަލްއާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މާލީ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީ ވަޒީރު އަދި ރާއްޖެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ.

މި އެއްބަސްވުމުގެ ދަށުން ސަރުކާރާއި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓްރޭޑް ފައިނޭންސިންގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ އެތެރެކުރުމަށާއި ރާއްޖެއިން ބޭރުކުރާ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. ހަމައެއާއެކު ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނެއެވެ.

މިއީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމާ ގުޅިގެން ސޮއިކުރި އާ އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް، ޖުމްލަ 1.7 ބިލިއަން ޑޮލަރު ބޭނުންކޮށްފައިވެއެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ވަނީ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކުރި އެހީތައް މިހާރު ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ އަދި މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ފުޅާކޮށްފައެވެ.

އައިޓީއެފްސީގެ ސީއީއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރައްވައި އިގްތިސާދީ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕްގެ މުއައްސަސާއެއް ކަމަށްވާ އައިޓީއެފްސީން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމީ ގައުމުތަކުގެ ވިޔަފާރި ކުރިއެރުވުމަށް 100 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިނޭންސިން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް