ހުޅުމާލެ ފޭސް 2 ގެ ބީޗު ސަރަޙައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި މަސްބާނަން ދެވޭނެ ޚާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ ސަރވޭއެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފަށައިފިއެވެ.
މި ސަރވޭގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، އެ ސަރަހައްދު އާންމުން މިހާރު ބޭނުންކުރާ ގޮތާއި ރައްޔިތުންގެ ބޭނުންތައް ދެނެގަތުމެވެ. ސަރވޭ ފޯމު އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ.
މި މަޝްރޫއު ތަރައްޤީކުރުމަށް ރޭވިފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ އާޓިފިޝަލް ސްވިމިންގ ސަރަޙައްދަކާއި މަސްބާނާ ޕްލެޓްފޯމެކެވެ. މޫދަށް އެރޭ ސަރަހައްދުގައި ފްލޯޓިންގ ޕޮންޓޫނަކާއެކު ރައްކާތެރި މޫދަށް އެރޭ ސަރަހައްދަކާއި، އެއްގަމުގައި ފެންވަރާ އައުޓްޑޯރ ތަނެއްގެ އިތުރުން ފަސޭހައިން މޫދަށް ފޭބޭނެ ޚާއްޞަ ރޭމްޕެއް ހިމެނެއެވެ. މަސްބާނާ ޕްލެޓްފޯމުގައި ވަރުގަދަ ކޮންކްރީޓް ޑެކަކާއި، އެތަނަށް ދިއުމަށް ހަދާ ވޯކްވޭއެއްގެ އިތުރުން އިށީންނާނެ ހިޔާކޮށްފައިވާ ބެންޗުތަކާއި މަސްކަނޑަން ބޭނުންކުރެވޭނެ އިންތިޒާމުތައް ހިމެނެއެވެ. މި މަޝްރޫއު ނިމުމުން ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އަދި ރައްކާތެރި މުނިފޫހިފިލުވުމުގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެއެވެ.





