5,000ރ. އަށް ވުރެ ޖޫރިމަނާ ބޮޑުނަމަ ލައިސަންސް ހިފަހައްޓަނީ

އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށްޓަކައި ގިނަގުނަ މުހިންމު ބަދަލުތަކެއް ވަނީ އިސްލާހުކޮށްފައެވެ.

އެގޮތުން، ގާނޫނުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޓްރެފިކް ޖޫރިމަނާގެ އަދަދު އެއްކޮށް 5,000 ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އެ މީހެއްގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓޭނެކަމަށް ގާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.

މީހެއްގެ ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު ގާނޫނީގޮތުން ލިބިގެންވަނީ ޓްރެފިކް ފުލުހުން އެގޮތަށް ކަނޑައެޅުމުން ނުވަތަ ކޯޓެއްގެ ހުކުމެއްގެ ދަށުންނެވެ. ނަމަވެސް، ލައިސަންސް ހިފަހައްޓާ ހާލަތްތަކުގައި އުޅަނދު ދުއްވަންޖެހޭ ކޮންމެހެން ބޭނުންތެރި ހާލަތްތަކަށް ރިއާޔަތްކޮށް، 48 ގަޑިއިރުގެ މުއްދަތަށް ބޭނުންކުރެވޭނެ ވަގުތީ ދުއްވުމުގެ ހުއްދައެއް ދޫކުރުމުގެ ބާރު ޓްރެފިކް ފުލުހުންނަށް އާ ގާނޫނުގެ ދަށުން ލިބިދެއެވެ.

މި އާ ގާނޫނަކީ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްދޭ ގާނޫނަކަށްވާއިރު، އަމިއްލަ ފަރުދުންގެ ނަންމަތީގައި އުޅަނދު ރަޖިސްޓްރީކުރުމާއި ބެލެހެއްޓުމުގައިވެސް ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން، އެކަކު މައްޗަށް ރަޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ވަކި މިންވަރަކަށް ކަނޑައެޅުމާއި، އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަން ފީތައް ބޮޑުކުރުމުގެ އިތުރުން، އުޅަނދު އުފެއްދި ތާރީޚުން ފެށިގެން ބޭނުންކުރާތާ 20 އަހަރުވެފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ މާއްދާތައް ހިމެނެއެވެ.

މީގެއިތުރުން، ގަވާއިދާ ޚިލާފަށް އުޅަނދުތައް މޮޑިފައިކުރުން ހުއްޓުވުމަށާއި، ޑޮމެއިން ނަމްބަރު ނެގުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ޚާއްޞަ އުސޫލުތަކެއް ކަނޑައެޅި، ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ދެވޭ އަދަބުތައް ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް