މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިވެހި މީޑިއާތަކަށް ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ އަރަބިއްޔާގެ އެމްބަސީއާއެކު ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ސައޫދީ އެމްބަސީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޞަތު، ނާއިބު ރައީސް ޒަމްޢަތު އަޙްމަދު ވަހީދު، މެންބަރުން ކަމަށްވާ އަލްއުސްތާޛާ އާމިނަތު ޞަރާހަތު ޢިއްޒަތު، ޢަބްދުލް ޢަޒީޒް އިބްރާހީމް، ސިމާޙާ ނަސީމް، ސެކްރެޓަރީ ޖެނެރަލް ޙަމްދީ ޢަޤީލް އަދި އެސިސްޓެންޓް ޑިރެކްޓަރ އަސްމާ ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
ސަޢޫދީ އެމްބަސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަހްޔާ ޙަސަން އަލްޤަޙްޠާނީއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހި ނޫސްވެރިންނަށާއި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންނެވެ. އެގޮތުން، ސަޢޫދީ ސަފީރުގެ ވާހަކަފުޅުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ސަޢޫދީގެ މީޑިއާ ރެގިއުލޭޓަރީ އިދާރާތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެއިތުރުން، މީޑިއާ ދާއިރާގެ ފަރާތްތަކަށް ޙައްޖާއި ޢުމްރާގެ ފުރުޞަތުތައް ހޯދައިދިނުމާ ގުޅޭގޮތުންވެސް ދެފަރާތުގެ ދެމެދުގައި ޚިޔާލު ބަދަލުކުރެވުނެވެ.
ރާއްޖޭގެ މީޑިއާގެޤާބިލުކަން އިތުރުކުރުމަށްޓަކައި އެކި ދާއިރާތަކުން ތަމްރީނު ފުރުޞަތުތައް ހޯދައިދިނުމަށް ކޮމިޝަނުން އިސްނަގައިގެން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިހާތަނަށް މިފަދަ ތިން ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކި އިދާރާތަކާއެކު މިފަދަ މަޝްވަރާ ބައްދަލުވުންތައް އިތުރަށް ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.





