ހުއްދަނެތި ހޯދާފައިވާ ރެކޯޑިންތަކާއި ފޯނު ކޯލުތައް އާންމުކުރުމުގައި ސުލޫކީ މިންގަނޑުތަކާއި ގާނޫނީ ހަމަތަކަށް ފުރިހަމައަށް ބޯލެނބުމަށް މީޑިއާތަކާއި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ. ކޮމިޝަނުން މިކަމަށް އިލްތިމާސްކުރީ ވަކިވަކި ފަރާތްތަކުގެ ހުއްދައަކާ ނުލައި ރެކޯޑުކޮށްފައިވާ އޯޑިއޯތަކާއި ވީޑިއޯތައް މީޑިއާތަކުން ގެނެސްދޭ މައްސަލަތަކެއް ފާހަގަކުރެވިގެންނެވެ.
ބްރޯޑްކާސްޓު ކުރުމުގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ މީހެއްގެ ވެސް ޒާތީ މިނިވަންކަމާއި އަބުރު ރައްކާތެރިކޮށްދޭން ޖެހޭނެއެވެ. ވަކިން ހާއްސަކޮށް، ފޯނު ކޯލެއް ނުވަތަ އަމިއްލަ މުއާމަލާތެއް ބްރޯޑްކާސްޓްކުރާ ނަމަ އެކަން އެ މުއާމަލާތުގައި ބައިވެރިވާ ފަރާތްތަކަށް ކުރިން އެންގުމަކީ ކޮންމެހެން ލާޒިމު ކަމެއްކަން ކޮމިޝަނުން ނެރުނު ބަޔާނުގައި ފާހަގަކުރެއްވިއެވެ.
އެފަދަ ކަންކަމުގައި އާންމު މަސްލަހަތު އެކުލެވިގެންވާ ހާލަތްތަކުގައި ވެސް، މައުލޫމާތު ހާމަކުރުމުގައި ހިފަހައްޓަންޖެހޭ އަހުލާގީ އަދި ގާނޫނީ މިންގަނޑުތައް ހުންނަންވާނެ ކަމަށް ކޮމިޝަނުން ބަޔާންކުރެއެވެ. ހުއްދަ ހޯދުމަކާ ނުލައި މީހުންގެ ޒާތީ އަޑު އަދި ވާހަކަތައް އާންމުކުރުމަކީ މީޑިއާގެ އިތުބާރު ގެއްލި، ފަރުދުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ހަބަރާއި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިސްކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް ހުރިހާ މީޑިއާތަކަށް ވަނީ ނަސޭހަތްތެރިވެފައެވެ. މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ކޮމިޝަނުން ހާމަކުރެއެވެ.





