ސްޓޭޓް ފާމާގެ ދަށުން ހިންގަމުންދާ ހުރިހާ ފާމަސީތަކެއްގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބަލައިލެވޭނެ އައު ނިޒާމެއް ރަސްމީކޮށް ޤާއިމުކޮށްފިއެވެ. މި އިންތިޒާމުގެ ސަބަބުން ކޮންމެ ފާމަސީއަކުން ވެސް ލިބެން ހުރި ބޭހުގެ ތަފުސީލު ވަގުތުން ދެނެގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އައު ޚިދުމަތާ އެކު، ބޭސް ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ދަތުރުތަކަށް ލުއިފަސޭހަކަން ލިބި، ވަކި ބޭހެއް އެ ވަގުތު ލިބެން ހުރި ފާމަސީތައް ފަސޭހަކަމާ އެކު ދެނެގަނެވޭނެ މަގު ވަނީ ތަނަވަސްވެފައެވެ. އެހެންކަމުން ބޭސް ހޯދުމުގައި އާންމުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
މި ނިޒާމު މެދުވެރިކޮށް ފާމަސީތަކުގެ ސްޓޮކް މެނޭޖްކުރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ބޭސް ހުސްވަމުންދާ މިންވަރު ދުރާލައި ދެނެގަނެވި، ބޭނުންވާ މިންވަރަށް ސްޓޮކް ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެއެވެ.
ސްޓޭޓް ފާމާގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އާންމު ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދެވޭ މިފަދަ ޚިދުމަތްތަކަކީ ޞިއްޙީ ދާއިރާގެ އިތުބާރު ބޮޑުވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.





