މާލޭގެ ހޫނުމިން 37.1 ޑިގްރީއަށް މައްޗަށް ހިނގައްޖެ

މާލެ ސަރަހައްދަށް މިއަދު އިހުސާސްކުރެވޭ ހޫނުމިން 37.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް ގައުމީ މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރާއި އިހްސާސް ކުރެވޭނެ ކަމަށް ބެލެވޭ ފިނިހޫނުމިނުގެ ތަފްސީލު މިއަދު ހެނދުނު 11:00 އިން ފެށިގެން މެޓް އޮފީހުން އާންމުކޮށްފައިވާއިރު، މުޅި ރާއްޖެއިންވެސް އެންމެ ހޫނުގަދަކޮށް ދައްކަނީ މާލެ ސަރަހައްދުގައެވެ. މެޓުން ފާހަގަކުރި ގޮތުގައި މިއަދަކީ މާލެ ސަރަހައްދަށް އާންމު މިންވަރަށްވުރެ ހޫނުގަދަ ދުވަހެކެވެ.

މާލެ ފިޔަވައި ދެން އެންމެ ހޫނުގަދަކޮށް ރެކޯޑުކުރެވިފައިވަނީ ހަދިޔާ ދެކުނުގެ ހއ. ހަނިމާދޫގައެވެ. އެ ރަށަށް އިހުސާސްކުރެވޭ ހޫނުމިން 36.8 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ކައްދޫ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 36.4 ޑިގްރީ ސެލްސިއަސްގައެވެ. މީގެއިތުރުން ކާޑެއްދޫ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން 35.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ސ. ގަމު ސަރަހައްދުގެ ފިނިހޫނުމިން އުޅެނީ 35.1 ޑިގްރީ ސެލްސިއަސްގައެވެ.

މިއަދު މާލޭ ސަރަހައްދުގެ އިހުސާސްކުރެވޭ ހޫނުމިން 37.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވީ ނަމަވެސް، މި މަހުގެ 2 ވަނަ ދުވަހު މާލެ ސަރަހައްދުގެ ހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް ވެސް މައްޗަށް ގޮސްފައިވާ ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް