ދިއްދޫ ވޮލީ ކޯޓުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ހއ. ދިއްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުން ދިޔަ އައުޓްޑޯ ވޮލީ ކޯޓުގެ ޕިޗު އެޅުމުގެ މަސައްކަތްތައް މުޅިން ނިންމާލައިފިއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރިއަށްދިޔަ އަމަލީ މަސައްކަތްތައް މިއަދު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

މި މަޝްރޫއަކީ ދިއްދޫގެ ޒުވާނުންނާއި ވޮލީ ކުޅުންތެރިންނަށް ފެންވަރު ރަނގަޅު، ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީ ކޯޓެއް ގާއިމުކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ.

ދިއްދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލާފައިވަނީ 2023 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން ކޯޓުގެ ސަބްބޭސް ތައްޔާރުކުރުމާއި، ކޯޓުގައި މެޓް/ޓާފް އެޅުމުގެ މަސައްކަތުގެ އިތުރުން ކުޅުންތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ބޭނުންވާ ސަލާމަތީ ފެންސް ޖެހުމުގެ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްދިޔަ މި މަޝްރޫއު ނިމުމަކަށް އައުމާއެކު، ރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ދިރުމެއް ލިބި، ރޭގަނޑާއި ދުވާލު ވެސް މެޗުތަކާއި ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިއްދޫގެ ޒުވާނުންނަށް ފަހިވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް