ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމަށްޓަކައި، ކުޑަކުދިންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ހާއްސަ ބައްދަލުވުންތަކެއް އާއިލީ ކަންކަމާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތަކަކީ ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް، ކުދިންގެ ރައްކާތެރިކަމާއި ލާބަޔަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ސިލްސިލާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގައި ގާނޫނަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ކުދިންގެ ހުރި ކަންބޮޑުވުންތަކާއި، ދެކޭގޮތް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެކި އުމުރުފުރައިގެ ކުދިންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މިފަދަ ހިޔާލުތައް އެއްކުރުމަކީ ސިޔާސަތުތައް އެކުލަވައިލުމުގައި ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް މުހިންމު ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
ކުޑަކުދިންގެ ފަރާތުން ލިބުނު މައުލޫމާތާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް، ގާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް އެކުލަވައިލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދާނެއެވެ.





