ކާރިސާތަކާއި ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތަކަށް ހުޅުމާލެ ފޭސް ދެއަކުން 13,574 އަކަފޫޓުގެ ދާއިމީ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. މިއީ 2018 ވަނަ އަހަރު އެންޑީއެމްއޭ އުފެދުނު ފަހުން އެ އިދާރާއަށް ދާއިމީ ބިމެއް ލިބުނު ފުރަތަމަ ފަހަރެވެ.
މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އާއި އެންޑީއެމްއޭއާ ދެމެދު މިހާރު ވަނީ ސޮއިކޮށްފައެވެ. މި ބިމުގައި އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން:
-
ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް
-
އިމަޖެންސީ ވެއާހައުސްއެއް
-
ކުއްލި ހާލަތްތަކުގައި ހާލުގައިޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފާއިތުވި އަހަރުތަކުގައި އެކި ވަގުތީ ތަންތަނުގައި އޮފީހާއި އޮޕަރޭޝަންތައް ހިންގަމުން އައި އެންޑީއެމްއޭއިން ބުނި ގޮތުގައި، މި ދާއިމީ ބިމާއެކު ކާރިސާތަކަށް އިޖާބަދިނުމުގެ ގައުމީ ގާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.





