ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކިޔަވާވިދާޅުވާ ސިޔާސީ ފޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިލާވަޅު ނަންގަވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އިޤްތިޞާދީ މާހިރުން ކަމަށް ދަޢުވާކުރައްވާ ބޭފުޅުން ސިޔާސީ ގޮތުން "އައުޓްޑޭޓް" ވެފައިވާ ކަމަށާއި، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރުން ނެގި ފިޔަވަޅުތަކާއެކު އަގު ތިރިވާން ފަށާފައިވާ ކަމަށެވެ. އަދި ޔާމީން ޖަލުގައި ހުންނަވަންޖެހުމުންނާއި ނަޝީދު ރާއްޖެއިން ބޭރުގައި އުޅުއްވުމުގެ ސަބަބުން، ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައިސްފައިވާ ބަދަލުތައް އެބޭފުޅުންނަށް ސާފުނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފަލާޙް ވަނީ 2008 އިން ފެށިގެން ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ނުލިބުނު ސަބަބާމެދު ސިޔާސީ ފަރާތްތަކުން ދިރާސާކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ސަރުކާރުތަކުގައި މަޖިލިސް މެންބަރުންނާމެދު ކަންކުރި ގޮތަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ރައީސް މުޢިއްޒު މެންބަރުންނަށް ނުފޫޒު ނުފޯރުއްވާ ކަމަށެވެ. އަދި 20 ވަނަ މަޖިލީހުގެ ޕީއެންސީ މެންބަރުން ތިއްބެވީ ރައީސް މުޢިއްޒާއެކު ސާބިތުކަމާއެކު ކަމަށާއި، ސަރުކާރު ވައްޓާލަން އިދިކޮޅުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމުގެ ޔަޤީންކަން ފަލާޙް ދެއްވިއެވެ.
ހަމައެއާއެކު، ރައީސް ޔާމީނާ ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަނުދެއްކެވުމަށް ރައީސް މުޢިއްޒު އަބަދުވެސް އިރުޝާދު ދެއްވާކަންވެސް ފަލާޙް ހާމަކުރެއްވިއެވެ.





