ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވާފައިވަނީ ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހުއެވެ.
މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމަށް ފަނޑިޔާރު މާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ހުށަހެޅުއްވުން ދިރާސާކުރުމަށްފަހު، ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އޭނާ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުގެ ހުއްދަ ޖޭއެސްސީން ވަނީ ދެއްވާފައެވެ. މި ނިންމެވުމާ ގުޅިގެން މި ހިނގާ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ ރަސްމީކޮށް މަގާމުން ވަކިވެވަޑައިގެންފައެވެ.
ޝަރުއީ ދާއިރާގައި ފަނޑިޔާރު މާހިރު ހިދުމަތް ކުރައްވަން ފެއްޓެވީ 2005 ނޮވެމްބަރު 9 ގައެވެ. އެންމެ ފުރަތަމަ މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު، ފެމިލީ ކޯޓުގެ ގާޒީކަމަށް ބަދަލުވެވަޑައިގަތީ 2010 މޭ 23 ގައެވެ. އޭގެ ފަހުން، ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާ ފަނޑިޔާރު މާހިރު ކުރެއްވީ 2025 ސެޕްޓެމްބަރު 25 ގައެވެ. އޭނާ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ހައިކޯޓުގެ ބެންޗުން މިހާރު ވަނީ ޖާގައެއް ހުސްވެފައެވެ.





