ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގެ ދަށުން ގދ. ވާދޫގައި އިމާރާތްކުރަމުންދާ ޕޮލިސް ޕޯސްޓުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފިއެވެ.
އާރުޑީސީއިން ބުނީ މި މަޝްރޫއުގައި މިވަގުތު މ ކުރިއަށްދަނީ އިމާރާތުގެ ރޫފް ބީމް ކާސްޓިންގ (ފުރާޅުގެ ބީމްތައް އެޅުމުގެ) މުހިންމު މަސައްކަތްތަކެވެ. މި މަޝްރޫޢަކީ އަތޮޅުތެރޭގެ ރަށްރަށުގައި އަމާންކަމާއި ރައްކާތެރިކަން ގާއިމުކޮށް، ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު އިމާރާތެކެވެ.
މި އިމާރާތް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރު 2023 ގައެވެ. މި މަޝްރޫޢަކީ ގދ. ވާދޫގައި ޒަމާނީ ފެންވަރުގެ ޕޮލިސް ޕޯސްޓެއް ގާއިމުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޖުމްލަ 3.5 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި، ރޫފް ބީމް ކާސްޓިންގ މަސައްކަތް ނިމުމުން އިމާރާތުގެ ފުރާޅު އެޅުމާއި، އެތެރޭގެ ރޭނުމާއި ފިނިޝިންގ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ފެށިގެންދާނެއެވެ.
މި މަޝްރޫޢު ނިމިގެން ދިއުމުން ގދ. ވާދޫގައި ގާއިމުވެތިބޭ ފުލުހުންނަށް އެކަށީގެންވާ ރަނގަޅު މަސައްކަތުގެ މާހައުލެއް ލިބިގެންދާނެއެވެ. އަދި ރަށުގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.





