ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށާއި، މިނިވަން ނޫސްވެރިން އިމާއި މިންގަނޑުގެ ތެރެއިން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންޑޫ) ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިފަދައިން ވިދާޅުވީ "ޕްރެސާ ވިތު ދަ ސްޕޯކްސް" ގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، މިއަދު ހަވީރު 16:00 އަށް ތާވަލުކުރި ބައްދަލުވުން "އަދަދު" ނޫހުގެ ސަބަބުން ނުބޭއްވި ލަސްކުރަން ޖެހުމާ ގުޅިގެންނެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަސްމީ އުސޫލުގެ ތެރެއިން 20 އަކަށް ނޫސްވެރިން ނަން ނޯޓުކޮށްފައިވީ ނަމަވެސް، އެ ގްރޫޕުގައި ނުހިމެނޭ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ވަނީ ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ ސްޓޫޑިއޯއަށް ވަދެގަނެ، އެތަނުން ނުކުންނަން ދެކޮޅު ހަދައި ހައިޖާނެއް ހިންގާފައެވެ.
އަދަދު ނޫހުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވާން ފޮނުވި މެސެޖު ބަލައިގަތްކަން ރައީސް އޮފީހުން އަންގާފައި ނުވަނީ، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ނޫހުން ނޫސްވެރިކަމުގެ އަހުލާގީ އިމުން ބޭރުން ސާބިތުނުހިފޭ ތުހުމަތުތަކެއް ކުރުމާއި، ކޯޓު އަމުރަކާ ހިލާފުވެފައިވާތީ ފިޔަވަޅު އަޅާފައިވާތީއެވެ.
މިއަދުގެ ބައްދަލުވުމަށް ހުރަސްއެޅި ލީވާން އަލީ ނަސީރަކީވެސް ކޯޓު އަމުރަކާ ހިލާފުވެގެން މީގެ ކުރިން ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ފަރާތެއްކަން ފާހަގަކުރައްވަމުން، ތަރުޖަމާނު ވިދާޅުވީ މީޑިއާގެ ތޮފި އަޅައިގެން ތިބެ ޣައިރު ގާނޫނީ ކަންކަން ކުރަން ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ދައުލަތުގެ މީޑިއާގެ ސްޓޫޑިއޯގެ ތެރޭގައި ހިންގި މި އަމަލާ ގުޅިގެން ޕީއެސްއެމްއިން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މުންޑޫ ވިދާޅުވިއެވެ. ވަގުތު ހަމަވުމުގެ ސަބަބުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން މިހާރު ވަނީ ފަހުގެ ތާރީހަކަށް ލަސްކޮށްފައެވެ.





