ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރަށް ބަދަލުވެގެންދާނެ އަހަރެއް: ވަޒީރު އިހުސާން

ދިވެހި ފުލުހުންގެ ހިދުމަތަށް މިހާރު ގެންނަމުންދާ އިސްލާހީ ބަދަލުތަކާއެކު، ކުރިއަށް އޮތް އަހަރަކީ އެ މުއައްސަސާއަކީ ރައްޔިތުން އެދޭފަދަ ފުރިހަމަ އަދި ގާބިލު ހިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ބަދަލުވެގެންދާނެ އަހަރެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވަނީ ފުލުހުންގެ މުއައްސަސާގެ ހުރިހާ މުވައްޒަފުންނަށާއި، ކުރީގެ ހިދުމަތްތެރިންގެ އިތުރުން ފުލުހުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ވަޒީރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތް އަސްކަރިއްޔާއިން ވަކިވެ މަދަނީ ހިދުމަތަކަށް ބަދަލުވިތާ 22 އަހަރު ފާއިތުވެގެން ދިޔައިރުވެސް، އެ މުއައްސަސާ ކުރިއެރުވުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް އެންމެ އެކަށޭނަ ގޮތުގައި ގާއިމުކުރެވިފައެއް ނުވެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް އެންމެ ފުރިހަމަ ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އަތޮޅުތަކުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގައި ހިދުމަތް ދެވެމުން ދިޔައީ އެންމެ 17 ރަށުގައިކަން ވަޒީރު ހާމަކުރެއްވިއެވެ.

ނަމަވެސް، ސަރުކާރުގެ މި ހިނގާ ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ހުރިހާ ރަށެއްގައިވެސް ފުލުހުންގެ އަމިއްލަ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ހަމައެއާއެކު ފުލުހުންގެ އެތެރޭގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޚާއްޞަ ދާއިރާތަކުން މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއި ދެވޭ ފަންނީ ތަމްރީނުތަކުގެ ސަބަބުން ފުލުހުންގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި މާތް ﷲ އިރާދަފުޅާއެކީ ކުރިއަށް މިއޮތް އަހަރަކީ ރައްޔިތުން ބޭނުންވާ ފަދަ އަމާން، ރައްކާތެރި އަދި އިތުބާރުހުރި ފެންވަރަކަށް ފުލުހުންގެ ހިދުމަތް ބައްޓަންވެ، ރައްޔިތުން އެދޭ ލެވެލްއަށް ހިދުމަތް ފޯރުކޮށްދެވޭނެ އަހަރަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް