ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން މިހާތަނަށް 205 ސިޔާސީ މުވައްޒަފުން މަގާމުތަކުން ވަކިކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ. މި ފިޔަވަޅަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ވަކިކުރި މުވައްޒަފުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ކަމަށެވެ. މި ބަދަލުތައް ގެނެސްފައިވަނީ ސަރުކާރުގެ 15 ވުޒާރާއަކުންނެވެ.
މި މަސައްކަތަކީ އަދި މުޅިން ނިމުމަކަށް އައިސްފައިވާ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި އަދަދަށް ކުރިއަށް އޮތް ތަނުގައި އިތުރު ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ސަރުކާރުގެ އިދާރާތަކުގެ އިތުރުން ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށާއި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ. ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ނިމުމުން އެ ތަފުސީލުތައް ވެސް ހާމަކުރާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.





