"ޔޫތު ޓްރެކް ޓު ކޮޕް31" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި، މިފަދަ ނިންމުންތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 40 އަށް ވުރެ ގިނަ ޒުވާނުންނާއެކު ކުރިއަށްގެންދިޔަ "ޔޫތު ޓްރެކް ޓު ކޮޕް31" ޕްރޮގްރާމް މިއަދު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ސަމިޓުގެ ކުރިން ބޭއްވި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބައިވެރިން ވަނީ އެ ކުދިންގެ ހުށަހެޅުންތަކާއި ރެކޮމެންޑޭޝަންތައް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއަށް ހުށަހަޅާފައެވެ. މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން، އިސްލާމިކް ރިލީފް އޮސްޓްރޭލިއާ އަދި ޔުނިސެފް އޮސްޓްރޭލިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޒުވާނުން އިސްނަގައިގެން މޫސުމީ ހަރަކާތްތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ 6 ވަނަ އެޑިޝަނެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، މޫސުމާ ބެހޭ ސައިންސާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، ގެއްލުންތައް ކުޑަކުރުމާއި، ކްލައިމެޓް ފައިނޭންސް އަދި ބައިނަލްއަގުވާމީ މަޝްވަރާތައް ކުރިއަށްދާ ގޮތްތަކާ ގުޅޭގޮތުން ތަޖުރިބާކާރުންގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން، ފެހި ހުނަރުތަކާއި އިންސާފުވެރި ބަދަލުތަކާ ގުޅޭގޮތުން ޖީލުތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުނުއިރު، އަމަލީ ގޮތުން ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން "މޮކް ކޮޕް" އެއްވެސް ވަނީ ބާއްވާފައެވެ.

"ޔޫތު ޓްރެކް ޓު ކޮޕް31" ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ޕްރޮގްރާމުގެ ބައިވެރިއެއް ކަމަށްވާ އުމުރުން 16 އަހަރުގެ އާމިނަތު އަޖްނާ އިމްރާން ފާހަގަކުރި ގޮތުގައި، މޫސުމީ ބަދަލުތަކަކީ ކޮންމެ ދުވަހަކު ތަހައްމަލުކުރާ ހަގީގަތެއް ކަމަށާއި، ސިޔާސަތުތައް އެކުލަވައިލުމުގައި ޒުވާނުންގެ އަޑު އިއްވުމަކީ މުސްތަގުބަލު ބައްޓަންކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

މި ހަރަކާތުގެ ތެރެއިން ޒުވާނުން އެކުލަވާލި ރެކޮމެންޑޭޝަންތައް ވަނީ ކުރިއަށްއޮތް ކޮޕް31 ކޮންފަރެންސްގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސްވެރިޔާއާ ހަވާލުކޮށްފައެވެ. އަދި މި އަހަރުގެ އެޑިޝަނުން ވެސް ރާއްޖޭގެ ކުޑަކުދިންނާއި ޒުވާނުން ތަމްސީލުކުރުމަށްޓަކައި ދެ ބައިވެރިއަކު ވަނީ ކޮޕް31 އަށް ހޮވާފައެވެ.

ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ވަގުތީ މަންދޫބު މިސް ކެނެނާއޯ ކީމެނާއޯ މޮޓްލޮއިވާ ވިދާޅުވީ، ސިޔާސަތުތައް ނިންމުމުގައި ޒުވާނުންގެ އަޑު އެހުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. މީގެއިތުރުން، އެލްސީއޯވައި މެދުވެރިކޮށް އެކުލަވާލި "މޯލްޑިވްސް ނޭޝަނަލް ޔޫތު ސްޓޭޓްމަންޓް އޮން ކްލައިމެޓް ޗޭންޖް" ވެސް ކޮޕް31 ގައި ހުށަހެޅޭ ގްލޯބަލް ޔޫތު ސްޓޭޓްމަންޓްގައި ހިމެނިގެންދާނެކަން ހާމަކުރައްވަމުން، ޔުނިސެފާއި ދިވެހި ސަރުކާރު ގުޅިގެން ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތް ސާބިތުކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް