ޕީއެންސީއަށް ނުވަދެގެން ވަޒީފާ ނުގެއްލޭނެކަމުގެ ޔަގީންކަން ޝުޖާއު ދެއްވައިފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނުވަދެގެން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި، މިހާރު ރާއްޖޭގައި އޮތް އެންމެ "ހަލާލު" މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށްދާއިރު، ސިޔާސީ ޕާޓީއަކަށް ވަނުމާއި ނުވަނުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ އަމިއްލަ ހައްގެކެވެ. އަދި އޭނާއަށް ނޭނގި އެއްވެސް މީހަކު ޕާޓީއަކަށް ނުވެއްދޭނެކަމުގެ ޔަގީންކަން ޝުޖާއު ދެއްވިއެވެ.

ޕާޓީއަށް ނުވަދެގެން މީހުންގެ ވަޒީފާ ގެއްލުވާލުމުގެ ސަގާފަތަކީ މާޒީގެ ކަމެއްކަން ފާހަގަކުރައްވަމުން، ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތައް ގެއްލުވާލާފައިވާ ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ކުލަ ކާޑު ދީގެން ޖަލްސާތަކަށް ދިއުމަށް މާޒީގައި މަޖުބޫރުކުރި ސިޔާސީ ވެރިން މިއަދު އެފަދަ ވާހަކަތައް ދެއްކުމުން ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއެކު، ނުހައްގުން ޕާޓީގައި ރަޖިސްޓްރީވެފައިވާނަމަ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޕީއެންސީއަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވަމުން ޝުޖާއު ވިދާޅުވީ، ވެރިކަމުގައި ތިއްބެވި ދުވަސްވަރު ވެރިޔާއަށް ސިއްރުން ވިޔަފާރި ފަށައި، ޕާޓީގެ އޮފީސް ދޫކޮށް "ގަނޑުވަރުގައި" ޕާޓީ ހިންގަން އުޅުނު މީހުންނަށް ސިޔާސީ ޕާޓީ ހިންގާނެ ގޮތް ނޭނގިދާނެ ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް، "ބޮޑު މީހާގެ ސިއްރުތައް އެނގޭ މީހަކީ ތިމަންނާއޭ" ބުނެ ޕާޓީގެ ހަރަކާތްތަކުން ފިލައިގެން އުޅުނު ފަރާތްތަކަށް ސިޔާސީ މަސައްކަތް ހިނގާގޮތް އޮޅުންފިލުވައިދޭން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް