މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި 113 މަސްވެރިއަކަށް 14.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ފައިސާ ދޫކޮށްފައިވަނީ މަސްވެރިންނަށް ޚާއްޞަކޮށްގެން ތަޢާރަފުކުރި މާލީ އެހީތެރިކަމުގެ ސްކީމްގެ ދަށުންނެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މަސްވެރިންނަށް މި ފައިސާ ދޫކުރަމުން އަންނަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މިއީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މަސްވެރިންނަށް ފަސޭހަކަމާއެކު އިސްލާމިކް ފައިނޭންސިންގެ އެކި ސްކީމްތަކަށް އެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޤާއިމުކޮށްފައިވާ ޚާއްޞަ ނިޒާމެކެވެ.
މަސްވެރިންނަށް މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއެކު މަސްވެރިކަމާ ބެހޭ ވުޒާރާއިން އެއްބަސްވުމެއް އެކުލަވާލާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ ދަށުން މި ސްކީމުން ލޯނު ދޫކުރަން ފަށާފައިވަނީ މޭ މަހުން ފެށިގެންނެވެ.
މި އިންތިޒާމުގެ ސަބަބުން ބޭންކުގެ ބްރާންޗަކަށް ހާޒިރުވާން ނުޖެހި، ކޮންމެ ތަނެއްގައި ހުރެގެންވެސް ޑިޖިޓަލްކޮށް ލޯނަށް އެދުމުގެ ފުރުސަތު މަސްވެރިންނަށް ވަނީ ތަނަވަސްވެފައެވެ. ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި، އެ ފަރާތްތަކަށް މާލީ ލުއިފަސޭހަކަން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.





