އަމާން ޓަވަރުތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ސެޝަނެއް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ސާވިސް ގުޅިގެން، އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަނުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން، އެފަދަ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރަންޖެހޭ އެންމެ ރައްކާތެރި ގޮތްތަކުގެ އަމަލީ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

އެފްޑީސީގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވި ގޮތުގައި، އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ އަމާން ޓަވަރުތަކުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ހާއްސަކޮށްގެން ފަސްޓްއެއިޑް އަދި އިވެކުއޭޝަން (ރައްކާތެރިކަމާއެކު ތަންތަން ހުސްކުރުމުގެ) ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ރޭވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސެޝަނުގެ ތެރެއިން، އަލިފާނުގެ ނުރައްކާ އިތުރުވެދާނެ ކަންކަމުން ދުރުހެލިވުމަށާއި، ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ އުސޫލުތަކަށް އަބަދުވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އިމަޖެންސީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި، މުޖުތަމައުގެ ތައްޔާރީތައް ވަރުގަދަކުރުމުގެ މުހިންމުކަން އެފްޑީސީ އާއި އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް