ނޭޕާލަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ރާއްޖެއިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި

ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައިވާ ގްލޭސިއާއެއް ކަނޑައިގެން ގޮސް އުފެދުނު ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކާ ގުޅިގެން އެ ގައުމަށް އެހީވުމުގެ ގޮތުން "ޕްރައިމް މިނިސްޓާ ޑިޒާސްޓާ ރިލީފް ފަންޑު" އަށް ރާއްޖެއިން އެއް މިލިއަން ރުފިޔާ ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއީ ސަރަހައްދީ އެއްބައިވަންތަކަމަށް ރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ގައުމުން އަނެއް ގައުމަށް ހަމްދަރުދީއާއެކު އެހީތެރިވެދޭނެކަން ރަމްޒުކޮށްދޭ ކަމެކެވެ. މި ކާރިސާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ ނޭޕާލް ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައި، އެ ގައުމާއެކު ރާއްޖެ އޮތްކަން ހާމަކުރައްވާފައެވެ.

ނޭޕާލަށް ކުރިމަތިވި މި ނުރައްކާތެރި ހާދިސާގައި 1،100 އަށް ވުރެ ގިނަ މީހުން މަރުވެ، 4،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މީގެ އިތުރުން 65،000 އަށް ވުރެ ގިނަ މީހުން އަސާސީ ވަސީލަތްތަކަށް ބޭނުންޖެހިފައިވާ އިރު، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަވާނެ ކަމަށް އެ ގައުމުން ބުނެއެވެ. 1980 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރި ރާއްޖެއާއި ނޭޕާލާ ދެމެދު އަބަދުވެސް އޮންނަނީ ގާތް އެކުވެރި ގުޅުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް