ކުންފުނީގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 28 ކުންފުންޏެއް އުވާލައި، އެކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އާންމުކޮށް އިޢުލާނުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މި ކުންފުނިތައް އުވާލާފައިވަނީ ކުންފުނީގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 2023/7) 246 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ "ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅާފައިވާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު 2025/R-83) ގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހުގައެވެ.
ޤާނޫނީ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު އުވާލެވުނު 28 ކުންފުނީގެ ތަފްޞީލު ހިމެނޭ ލިސްޓު މިހާރު ވަނީ އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައެވެ. އަދި މި ނިންމުމާ ގުޅިގެން ނުވަތަ ޝާއިޢުކުރެވުނު އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ފިޔަވަޅަކީ ދިވެހި ވިޔަފާރިވެރިން ބާރުވެރިކުރުވައި، 2040 އާ ހަމައަށް ރާއްޖޭގައި ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހާސިލުކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކުރެއެވެ.





