ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ރ. މަޑުއްވަރި، މުޙައްމަދު ނަޖީޙް (31އ) އާއި ބ. ކިހާދޫ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ.
މައްޗަންގޮޅީގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 20.19 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ނަޖީޙް 15 ދުވަހަށް އަދި އާމިނަތު ޝަހާމާ ޙަމީދު 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





