ޕީއެންސީ ޕީޖީ

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރުގެ ބައެއް މެންބަރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާ މެދު ހިތްހަމަނުޖެހި، މަޖިލީހުގެ ތެރޭގައި "ހިމޭން އިންގިލާބެއް" ހިނގަމުންދާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން އެކަމަށް ރައްދު ދެއްވައިފިއެވެ.

ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ، ޑޮލަރުގެ މުއާމަލާތްތަކާއި ސަފާރީ ދުއްވައިގެން ޑޮލަރު ހޯދާ މީހުން މަޖިލީހުގައި ތިއްބެވި އިރު، ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ މެންބަރުން ތިއްބެވީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ހިމޭން އިންގިލާބެއް ހިނގަމުންދާ ކަމަށާއި، ހާލަތު ބަދަލުވެގެންދާ ތަން ފެންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަންދޫހު ވަނީ މަޖިލީހުގެ ޕީއެންސީ މެންބަރުންނާއި ޕީޖީ ގްރޫޕް އޮތީ ރައީސް މުޢިއްޒާ އެކު ވަރަށް ގަދަކޮށް ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ދައްކަވަނީ ސިޔާސީ ގޮތުން ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް