މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ހެލްތު މިނިސްޓްރީ ގުޅިގެން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި 2،538 ކުދިން އުފަންވެފައިވާއިރު، 813 މީހަކު ވަނީ މަރުވެފައެވެ. އުފަންވި ކުދިންގެ ތެރޭގައި ފުރަތަމަ ތިން މަހު 1،225 ކުދިން އަދި ދެވަނަ ކުއާޓާގައި 1،313 ކުދިން ހިމެނޭއިރު، އޭގެ ތެރެއިން އެންމެ ގިނައީ 1،309 ކުދިންނާއެކު ފިރިހެން ކުދިންނެވެ.
މަރުވި 813 މީހުންގެ ތެރޭގައި ހިމެނެނީ 722 ދިވެހިންނާއި 89 ބިދޭސީންނެވެ. އޭގެ ތެރޭގައިވެސް 490 މީހުންނާއެކު ގިނައީ ފިރިހެނުންނެވެ. މަރުވި މީހުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އެއީ 488 މަރެވެ. އަދި އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 263 މީހުން މަރުވެފައިވާއިރު، 0 އަހަރާއި 4 އަހަރާ ދެމެދުގެ 30 ތުއްތުކުއްޖަކާއި 5 އަހަރާއި 17 އަހަރާ ދެމެދުގެ 10 ކުދިން ވަނީ މަރުވެފައެވެ.
އެންމެ ގިނަ މީހުން މަރުވެފައިވަނީ މާލެ ސަރަހައްދުގައެވެ. އެއީ 450 މަރެވެ. އަތޮޅުތަކުން 343 މަރު ރިކޯޑުކޮށްފައިވާއިރު، މާލެ ފިޔަވައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ ހދ. އަތޮޅާއި އައްޑޫ ސިޓީންނެވެ.





