ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިން ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބާރުއަޅުއްވާފައެވެ. ކުޑަކުދިންނަކީ މާތް الله ދެއްވާފައިވާ މަތިވެރި ނިޢުމަތަކާއި އަމާނާތެއްކަން ފާހަގަކުރައްވައި، އެކުދިންނަށް އަޅާލައި، ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ބޮޑު ވާޖިބެއްކަމަށް ޚުތުބާގައި ބަޔާންކުރެއްވިއެވެ.
އެހެންނަމަވެސް، ފަހަކަށް އައިސް ކުޑަކުދިންނަށް އިހުމާލުވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓްތަކުގައި ކުދިންނަށް އަނިޔާވެ ނިޔާވުމާއި، ޢިމާރާތްތަކުގެ މަތިން ކުދިން ވެއްޓުން ފަދަ ހިތްދަތި ހާދިސާތައް ހިމެނެއެވެ.
އިސްލާމްދީނުގައި ކުޑަކުދިންނަށް އޯގާތެރިވުމާއި، އެކުދިން ތަރުބިއްޔަތުކުރުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.
ކުޑަކުދިންނަށް އޯގާތެރިވެ، އެކުދިންގެ ޙައްޤުތަކަށް މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވާންޖެހޭކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ:
"އަހަރެމެންގެ ތެރެއިންވާ ކުޑަކުދީންނަށް ރަޙުމްނުކުރާ މީހާ، އަހަރެމެން މުސްލިމުންގެ ތެރެއިންނެއް ނުވެއެވެ."
މި ޙަދީޘުން ދޭހަވަނީ ކުޑަކުދިންނަށް އަޅާލުމާއި، ކުލުނާއި، އޯގާތެރިކަން ދިނުމަކީ އިސްލާމީ އުއްމަތުގެ އެންމެ މުހިންމު އެއް ސިފަ ކަމެވެ.
މީގެއިތުރުން، ކުދިންނަށް ހެޔޮ ތަރުބިއްޔަތުދީ، ރޫޙާނީގޮތުން އަދި އަޚްލާޤީގޮތުން ވަރުގަދަ ކުދިންތަކެއްގެ ގޮތުގައި ބޮޑުކުރުމަށްޓަކައި އަޅުކަމަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. މިކަމަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ:
"ތިޔަބައިމީހުންގެ ދަރީންގެ ޢުމުރުން ހަތް އަހަރު ފުރުމުން، ނަމާދުކުރުމަށް އެ ކުދީންނަށް އަމުރުކުރާށެވެ! އަދި އެ ކުދީންގެ ޢުމުރުން ދަސް އަހަރު ފުރުމުން، އެ ކުދީން ނަމާދުނުކުރާ ނަމަ، އަނިޔާނުވާ ގޮތަށް އެ ކުދީންގެ ގައިގައި ޖަހައިގެން ވެސް ނަމާދުކުރުވާށެވެ!"
ޚުތުބާ ނިންމަވާލައްވަމުން ބާރުއަޅުއްވާފައިވަނީ ކުޑަކުދިންނަކީ އަހަރެމެންގެ ލޮލުގެ ފިނިކަން ކަމުގައިވާތީ، އެކުދިންނަށް އިހުމާލުނުވެ، ރައްކާތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދީ، އިސްލާމީ ރިވެތި ތަރުބިއްޔަތުން އެކުދިން ބޮޑުކުރުމަކީ މުޅި މުޖުތަމަޢުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި އެންމެން ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.





