17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު މާމެންދޫއިން ހައްޔަރުކުރި ދެ މީހުން

މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ގއ. މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް، 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއީ އަޕަރ ސައުތު ޕޮލިސް، ޑްރަގް އެންފޯސްމެންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 2026 ސެޕްޓެންބަރު 2 ގައި ހިންގި ޚާއްސަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، 29 އަހަރުގެ އަޒުހަދު ނަސީމް އާއި، ގއ. މާމެންދޫ، ރޯޝަނީގެ، 29 އަހަރުގެ ރިޝްފާން ރާމިޒެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނަކީވެސް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހުންނެވެ.

ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ދެ ގެއިން ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާއިރު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން އިތުރު ތަންތަން ބަލައިފާސްކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް