"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ހަތަރުވަނަ އެޑިޝަންގެ ތެރެއިން ބައްދަލުކުރެއްވި ރައްޔިތުން ހުށަހެޅި ބޮޑެތި މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ގިނަ ފަރާތްތަކަކުން އެންމެ ބޮޑަށް ފާހަގަކުރީ ބޯހިޔާވަހިކަމުގެ ދަތިތަކެވެ. އެގޮތުން، ފިރިމީހާ ނިޔާވުމާ ގުޅިގެން ފްލެޓް ގެއްލުނު މައްސަލަތަކާއި، މާލޭގައި ގިނަ ދުވަސްވީ ނަމަވެސް އެކި ސަބަބުތަކާހުރެ ސްކީމްތަކަށް ޝަރުތު ހަމަނުވާ މައްސަލަތައް ރައްޔިތުން ހިއްސާކުރިއެވެ.

މީގެއިތުރުން، ގްރޭޓާ މާލެ ސަރަހައްދުގެ އާބާދީއަށް އެކަށޭނެ ގޮތެއްގައި ސިއްހީ ޚިދުމަތް ފުޅާކުރުމާއި އާސަންދަ ނިޒާމާ ގުޅޭ ކަންބޮޑުވުންތަކުގެ އިތުރުން، ކުދި ވިޔަފާރިތަކާއި ވަޒީފާގެ ފުރުސަތުތަކާއި އީ-ސްޕޯޓްސްއާ ގުޅޭ މައްސަލަތައްވެސް ހުށަހެޅުނެވެ.
މި ކަންކަމަށް ރިއާޔަތްކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުން ފާހަގަކުރި މައްސަލަތައް ވަކިވަކިން ބައްލަވާނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެކި ޕްރޮޖެކްޓްތަކުގެ މަންފާ ލިބި ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އަދި ސިއްހީ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން، ޖީޕީ ކްލިނިކްތައް ތައާރަފްކުރުމާއި، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން މުހިންމު ބަލިތަކަށް ފަރުވާލިބޭނެ ގޮތް ހަދައި، ރާއްޖެއިން ބޭރަށް ނުގޮސް ރައްޔިތުންނަށް ފެންވަރު ސިއްހީ ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކޮންމެ ރައްޔިތަކު ހިއްސާކުރި ކަންބޮޑުވުމަކަށްވެސް އަމަލީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.





