ޅައިމަގު ބަނދަރުގެ 95 އިންސައްތަ ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރޮކް ޕްރޮފައިލިންގގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ޑިސެމްބަރު 2019 ގައި ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 07 ޑިސެމްބަރު 2020 ގައެވެ.

ޖުމްލަ 60.7 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 350 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 276 މީޓަރުގެ އެއްގަމުތޮއްޓެއް ގާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން، 500 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރު ބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.

ޅައިމަގު ބަނދަރުގެ ޖާގަ ކުޑަވުމާއި ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރުމުގައި އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މި މަޝްރޫއު ނިމުމުން ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އެރަށު ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ވެ، ބަނދަރުގެ މަސައްކަތް ސައްތައިން ސައްތަ ނިމިގެންދާނެ ދުވަހަކަށް ރައްޔިތުން ތިބީ އިންތިޒާރުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް