އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) ގެ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" (އޭޕީވީއޭއެކްސް) ގެ ދަށުން އިމާރާތްކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައި، އެ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީއެވެ.
އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ގީލާ ވިދާޅުވީ، މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ރައްކާތެރިކަމާއި، ހިންގުންތެރިކަން އަދި ދެމެހެއްޓެނިވިކަން އިތުރުކުރުމަށްޓަކައި ކުރެވޭ ދުރުރާސްތާގެ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ފެސިލިޓީގެ ސަބަބުން ރާއްޖޭގައި ވެކްސިނާއި، ބޭހާއި، ސިއްހީ ވަސީލަތްތައް އެއްތަނެއްގައި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ހާއްސަ އިންތިޒާމެއް ހަމަޖެހި، އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން ވަރުގަދަވެގެންދާނެއެވެ.
މި އިމާރާތަކީ ހަމައެކަނި ތަކެތި ރައްކާކުރާ ތަނެއްގެ އިތުރުން، ސިއްހީ ދާއިރާގެ ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކުރެވޭ ތަނެކެވެ.
އެގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިދާރީ އޮފީހުގެ އިތުރުން، މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތައް އަދި ސިއްހީ ވުޒާރާގެ ޓެކްނިކަލް ޑިވިޝަންތައް މި އިމާރާތުގައި ގާއިމުކުރެވޭނެއެވެ.
މި ފެސިލިޓީ އާއެކު ސިއްހީ ތަކެތި ރައްކާކުރުމަށްޓަކައި މިހާރު ކުއްޔަށް ނަގާފައިވާ ތަންތަނަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ. މީގެ ސަބަބުން މަސައްކަތުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދިގު މުއްދަތުގައި ދައުލަތުން ކުރަންޖެހޭ ހަރަދުތައް ނިސްބަތުން ކުޑަކުރެވިގެންދާނެ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.





