ގިރިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ ތެރެއިން ކީވޯލް ބްލޮކް ޖެހުމުގެ މަސައްކަތް ފަށައިފި

ކ. ގިރިފުށީ ބިން ހިއްކުމާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ތެރެއިން، އެއްގަމުތޮށީގެ ކީވޯލް ބްލޮކް އެތުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ސިފައިންގެ ތަމްރީނުތައް ބޭއްވުމަށް ހާއްސަކޮށްފައިވާ ގިރިފުށީގެ ބަނދަރު ތަރައްޤީކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 14 ޖޫން 2021 ގައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަދި އެމްއެންޑީއެފް) އިން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫޢަކީ ގާތްގަނޑަކަށް 18.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
 

މި މަޝްރޫޢުގެ ދަށުން ގިރިފުށީގެ ބަނދަރު ފުންކުރުމާއި، ބިން ހިއްކުމުގެ އިތުރުން 268 މީޓަރުގެ ބޭރުތޮށްޓެއް ގާއިމުކުރުމާއި، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ރެވަޓްމެންޓް ޖެހުމާއި، އެއްގަމުތޮށި (ކީވޯލް) ރޭނުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢު ނިމުމާއެކު، ގިރިފުށްޓަށް ވަދެထުކުމުގެ އިތުރުން ސިފައިންގެ އުޅަނދުފަހަރު ބަންދުކޮށްފައި ބެހެއްޓުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް