ރާއްޖޭގެ ދެކުނި ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި މައްސަލައެއްގައި 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ދެކުނުގެ ރަށެއްގައި އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ނުރައްކާތެރި އަމަލާ ގުޅިގެން އެ ރަށުގެ އާންމުން ވަނީ ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ގޭ ކައިރިއަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، ދާދިފަހުން ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ރަށެއްގައި 3 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައިވެސް އެ ކުއްޖާގެ 28 އަހަރުގެ ބައްޕަ ވަނީ އޮގަސްޓު 28 ގައި ހައްޔަރުކޮށްފައެވެ.





