އެފްޑީސީގެ ޓަވަރުތަކުގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ހާއްސަ ސާވޭއެއް ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ހާއްސަ ސޭފްޓީ ސާވޭއެއް ފަށައިފިއެވެ.

މި ސާވޭގެ މައިގަނޑު މަގްސަދަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ތިބި ގޭބިސީތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުމެވެ.

އެފްޑީސީން ބުނި ގޮތުގައި، މި ސާވޭގެ މައުލޫމާތަށް ބަލައި، ދިމާވެދާނެ ތަފާތު ނުރައްކާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރަމުންދާނެއެވެ.

މި ހަރަކާތުގެ ތެރެއިން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ބައެއް ޔުނިޓްތަކަށް ޒިޔާރަތް ކުރައްވައި، އާންމުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް އޮޅުންފިލުއްވާފައެވެ.

އެފްޑީސީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރުންކަން ފާހަގަކުރައްވަމުން ހަމްދާން ވިދާޅުވީ، ގޭބިސީތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެމްއެންޑީއެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ހާއްސަ ހޭލުންތެރިކުރުމުގެ ސެޝަނެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަމާން ޓަވަރުތަކުގެ ވީހާވެސް ގިނަ ރައްޔިތުން މިއަހަމްދާން ވަނީ އެދިވަޑައިގެންފައެވެ.

އެފްޑީސީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ މި ސެޝަންތަކުގައި އަލިފާން ރޯވާން ދިމާވާ މައިގަނޑު ސަބަބުތަކާއި، އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދުތައް ފޯރުކޮށްދެވޭނެއެވެ.

އެފްޑީސީން ވަނީ އެ ޓަވަރުތަކަކީ އާއިލާތަކަށާއި، ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާން އަދި ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް