މާލޭގައި ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް ކާޓްރިޖް ހޯދައި، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާފަންނު ގެއެއް ބަލައިފާސްކުރިއިރު، 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ. މީގެ އިތުރުން މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއްވެސް އެ ގެއިން ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ހުރާ، ސާނީވިލާ، 26 އަހަރުގެ ޙުސައިން ޝާވިން އާއި، ތ. ތިމަރަފުށި، ވިލާ، 21 އަހަރުގެ މަރްޔަމް ޢިޝާ އަޝްރަފްގެ އިތުރުން ސ. ހުޅުދޫ، ރޭޝަމް، 25 އަހަރުގެ މުޙައްމަދު ނާހިލްއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޝާވިން އަދި މަރްޔަމް ޢިޝާ އަޝްރަފްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ. އަދި މުޙައްމަދު ނާހިލްގެ ބަންދަށް 5 ދުވަސް ދީފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.





