އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް ވަޒީފާތައް އެ އަތޮޅުގެ އެހެން ރަށްރަށުގައި ތިބެގެން އަދާކުރެވޭ ގޮތަށް އުސޫލެއް އެކުލަވާލައިފި

އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި، އެ އަތޮޅުގެ އެހެން ރަށެއްގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ޚާއްސަ އުސޫލެއް އެކުލަވާލާފައެވެ.

މި އުސޫލުގެ ދަށުން ވަޒީފާއަށް ފުރުސަތު ހުޅުވާލެވޭނީ އެ އަތޮޅެއްގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެންނެވެ. އަދި އެ މަގާމަކީ މުވައްޒަފުން ނަގަން ބޭނުންވާ ކައުންސިލް އިދާރާގެ ފާސްކޮށްފައިވާ އޮނިގަނޑުގައި ހިމެނޭ، ބަޖެޓު ހަމަޖެހިފައިވާ މަގާމަކަށް ވާންޖެހޭނެއެވެ.

މި އުސޫލުގެ ދަށުން ވަޒީފާ ހަމަޖެހޭ މީހުންނަށް އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދޭންޖެހެއެވެ. މުވައްޒަފު މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުސާރައާއި އިނާޔަތްތަކަށް ހިނގާނެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ ވަޒީފާ އޮތް ކައުންސިލް އިދާރާއިންނެވެ. މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރާނީ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ރާއްޖޭގެ ކުދި އާބާދީތަކުން ވަޒީފާއާއި ތައުލީމީ ފުރުސަތުތައް ހޯދުމަށް އެހެން ރަށްރަށަށް ހިޖުރަކުރުން އާންމުވުމުގެ ސަބަބުން، ރަށްރަށުގެ ކައުންސިލްތަކަށް މުވައްޒަފުން ހޯދުމަށް ދިމާވާ ދަތިތަކަށް މި އުސޫލުގެ ސަބަބުން ހައްލެއް ލިބިގެންދާނެއެވެ. ސީއެސްސީން މި އުސޫލު އާންމުކޮށްފައިވާއިރު، ލޯކަލް ގަވަމަންޓް އޮތޯރިޓީން ދާދިފަހުން ވަނީ ލިޔުމުން ހުއްދަ ލިބިގެން މެނުވީ ކައުންސިލްތަކަށް އާ މުވައްޒަފުން ނުނެގުމަށް އަންގާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް