ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ 3.5 ބިލިއަން ރުފިޔާ ހޯދާފައިވީ ނަމަވެސް، އެ މުއްދަތު ނިމުނުއިރުވެސް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 14.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރެއިން ފުރަތަމަ ތިން މަސް ތެރޭ 2.09 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، ދެވަނަ ތިން މަސް ތެރޭ ހޯދާފައިވަނީ 1.39 ބިލިއަން ރުފިޔާއެވެ.
މިދިޔަ ޖޫން މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ނުލިބިވާ 8.26 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ އިންކަމް ޓެކްސްގެ 1.95 ބިލިއަނާއި، ޓީޖީއެސްޓީގެ 1.56 ބިލިއަނާއި، ޖީޖީއެސްޓީގެ 3.60 ބިލިއަން އަދި އެހެނިހެން ޓެކްސްގެ 1.15 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ނުލިބިވާ 6.25 ބިލިއަން ރުފިޔާގެ ތެރޭގައި ރިޒޯޓު ކުލީގެ ގޮތުގައި ނުލިބޭ 5.97 ބިލިއަން ރުފިޔާ ހިމެނޭއިރު، ސަރުކާރު ކުންފުނިތަކުން ނުލިބިވާ 3.76 ބިލިއަން ރުފިޔާވެސް މީގެ ތެރޭގައި ހިމެނެއެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން އެކި ގޮތްގޮތުން މުވާސަލާތުކޮށްގެން 2.39 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، އެކައުންޓް ފްރީޒްކޮށްގެންނާއި ނަން ހާމަކޮށްގެންވެސް ފައިސާ ހޯދާފައިވެއެވެ. މީރާގެ ސްޓްރެޓީޖިކް ޕްލޭންގައިވަނީ ދައުލަތަށް ނުލިބިވާ ޓެކްސް ފައިސާ އަހަރަކު 15 އިންސައްތައަށް އަދި ޓެކްސް ނޫން ފައިސާ އަހަރަކު 10 އިންސައްތައަށް ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.





