ޓްރާންސްޕޯޓް ގާނޫނަށް ގެނައި ބަދަލުން މާލޭގެ ހިދުމަތްތަކަށް ބޮޑު ހުރަހެއް އެޅޭނެ: މޭޔަރު އާޒިމް

ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންނަށް ލިބެމުންދިޔަ ހިދުމަތްތަކަށް ވަރަށް ބޮޑު ހުރަސްތަކެއް އެޅި، އިޔާދަނުކުރެވޭ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން އައި އާމްދަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ބިލާ ގުޅިގެން ދެން ކައުންސިލަކަށް ނުލިބޭނެއެވެ. މިއީ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މޭޔަރު ފާހަގަކުރެއްވި ގޮތުގައި ވެހިކަލް ފީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަނީ މާލޭގެ މަގުތައް މަރާމާތުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމުގެ އިތުރުން މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ފަދަ ޒަރޫރީ އިޖުތިމާއީ ހިދުމަތްތަކަށެވެ. އެހެންކަމުން މި ފައިސާ ކައުންސިލުން އުނިކުރުމުން އެ ހިދުމަތްތައް ހުއްޓުމަކަށް އައިސް އާންމު މަސްލަހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ، އެ ބަދަލުތައް މުރާޖައާކޮށް ކައުންސިލަށް މާލީ ބާރުވެރިކަން އަނބުރާ ހޯދައިދިނުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު ވެހިކަލްތަކުގެ އަހަރީ ފީ ދެން ލިބޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން އަލަށް އުފައްދާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީހަށެވެ. މި ބިލު ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލަތަކާއި މަގުތަކާ ގުޅޭ ކަންކަމުގައި އެކި ހައިސިއްޔަތުން ކުރިން މަސައްކަތްކުރެއްވި ތަޖުރިބާގެ އަލީގައި، މާލޭގެ ދަތުރުފަތުރުގެ ކަންކަމަށް ވަކި އޮފީހެއް އުފެއްދެވީ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަގުސަދުގައި ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް