ރާއްޖެއަށް މެދުނުކެނޑި ފެންވަރު ރަނގަޅު ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސްޓޭޓް ފާމާއިން ޕާކިސްތާނުގެ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ސްޓޭޓް ފާމާގެ ބައިނަލްއަޤުވާމީ ސަޕްލަޔަރުންގެ ވިއުގަ ފުޅާކޮށް އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ފަސޭހަކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ އިންތިޒާމުތައް ވަރުގަދަކުރުމެވެ.
ހިރާނިސް ފާމަސޫޓިކަލްސްއަކީ ބައިނަލްއަޤުވާމީ މާކެޓުގައި ފާހަގަކޮށްލެވޭ ޕާކިސްތާނުގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގެ އިތުރުން ފިލިޕީންސް އަދި އަފްޣާނިސްތާން ހިމެނޭހެން އޭޝިއާގެ ގިނަ ޤައުމުތަކަށާއި ދުނިޔޭގެ އެހެނިހެން މާކެޓުތަކަށްވެސް ފޯރުކޮށްދެއެވެ.





