ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، މާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ތައްޔާރުވާން ފަށާފައެވެ.
މި ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއީ އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ގިނަ ކުޅިވަރުތަކަކާއެކު ފުލުހުންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ފަރުމާކުރެވިފައިވާ ހަރަކާތެކެވެ. އެހެންކަމުން، ހުރިހާ އާއިލާތަކުންވެސް ކުދިން ގޮވައިގެން މި ހަވީރުގައި ބައިވެރިވުމަށް ފުލުހުން ވަނީ ދައުވަތު އަރުވާފައެވެ.
މާލޭގައި ފުލުހުންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 6:00 ގައި ބާއްވާ "އެކުވެރިކަމުގެ ހިނގާލުން" އިންނެވެ. އަދި އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ހާއްސަކޮށްގެން "ބްލޫސް ފެމިލީ ނައިޓް" ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ސެޕްޓެމްބަރު 6 ގައި ބޭއްވުމަށް ނިންމާފައިވާއިރު، މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ޕޮލިސް ކޮމާންޑްތަކުންވެސް "ޕޮލިސް ވޯކް އެންޑް ޓޯކް" އާއި ކުޑަކުދިންގެ ހަވީރުގެ އިތުރުން އެކުވެރިކަމުގެ ހިނގާލުން ފަދަ ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.





