އެމެރިކާ ޑޮލަރަކީ މާ މާތް އެއްޗަކަށް ހަދައިގެން އުޅެން ނުޖެހޭ ކަމަށާއި، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވައި ދިވެހި ރުފިޔާގެ ބާރު ގަދަކުރަންޖެހޭ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ބޮޑުވެގެން ދިޔައީ އެމްޑީޕީ ސަރުކާރުން ދިވެހި ރުފިޔާގެ އަގު ޑޮލަރުގެ ކުރިމަތީގައި ވައްޓާލުމުން ކަމަށެވެ. އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާތީ، ޑޮލަރުގެ އަގު ބޮޑުނުވާނެ ގޮތަށް މުޅި ނިޒާމު ބައްޓަންކުރުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އުސޫލުތަކުގައި ހުރި ލޫޕްހޯލްތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ކަޅު ބާޒާރެއް އުފައްދާފައިވާ ކަމަށެވެ. އަދި ގާނޫނުތަކަށް ބަދަލު ގެނެސްގެން ނިޒާމު އިސްލާހުކުރާއިރު ކޮންމެވެސް ބަޔަކަށް އުނދަގޫވި ނަމަވެސް، މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަސައްކަތް ކުރައްވަނީ މައްސަލައަށް ހައްލު ހޯއްދަވައިދެއްވަން ކަމަށާއި، ބޭރު ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ދިވެހި ރުފިޔާއަށް އިހްތިރާމްކޮށް، ގައުމީ ފައިސާގެ ބާރު ގަދަކުރަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.





