ތައިލެންޑްގައި ވިސާއާ ނުލައި ތިބެވޭނީ 30 ދުވަހަށް

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑްގައި ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުވެގެންދާނެ ކަމަށް ހާރިޖީ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން ނެރުއްވި ބަޔާނެއްގައިވާ ގޮތުން، ތައިލެންޑްގެ ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތައް އޮގަސްޓް 31 ގައި ރަސްމީކޮށް ގެޒެޓްކޮށްފައިވާތީ، ސެޕްޓެމްބަރު 15 އިން ފެށިގެން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް 30 ދުވަހުގެ ވިސާ ފްރީ އެންޓްރީ ލިބިގެންދާނެއެވެ.

މި އަހަރުގެ މެއި މަހު ތައިލެންޑްގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކާއެކު، 93 ގައުމެއްގެ ފަތުރުވެރިންނަށް ދެމުންދިޔަ މުއްދަތު ކުޑަކުރިއިރު ރާއްޖެ ހިމެނުނީ 15 ދުވަހުގެ މުއްދަތު ދޭ ގައުމުތަކުގެ ތެރޭގައެވެ.

ނަމަވެސް، ޖޫން 29 ގައި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ތައިލެންޑްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު، ޖުލައި 14 ގައި އެ ނިންމުން މުރާޖާކޮށް، ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނުމަށް ތައިލެންޑް ސަރުކާރުން ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް