ހޯރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ސައޫދީ އަރަބިއްޔާގެ ތެޔޮ އުފުލާ ބޯޓަކަށް އީރާނުން ދިން ނުރައްކާތެރި ހަމަލާއެއްގައި، އެ ބޯޓުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ދެ މުވައްޒަފުން މަރުވެއްޖެ ކަމަށް ސައޫދީ ސަރުކާރާއި އެ ގައުމުގެ ގައުމީ ޝިޕިން ކުންފުނި "ބަހްރީ" އިން ކަށަވަރުކޮށްދީފިއެވެ.
ސައޫދީ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، ސައޫދީގެ "ސިދްރް" ނަމަކަށް ކިޔާ ތެޔޮ ބޯޓަށް އީރާނުން ދިން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރުގެ ގާނޫނުތަކާ ހިލާފަށް ދިން ގައިރު ގާނޫނީ ހަމަލާއެއް ކަމަށާއި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސައޫދީން ވަނީ ފާހަގަކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ހަމަލާތައް ވަރުގަދަވެ، ހޯރުމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އޯމާންގެ ކާސަބް ސަރަހައްދު ކައިރިން ދަތުރުކުރަނިކޮށް މި ބޯޓަށް ހަމަލާދީފައިވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާއާ ގުޅިގެން ގަލްފުގެ އެހެން ގައުމުތައް ކަމަށްވާ ގަތަރާއި ކުވެއިތުންވެސް ވަނީ އީރާނުގެ އަމަލުތައް ކުށްވެރިކޮށް، ސައޫދީ އަރަބިއްޔާއަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.





